Ads by
ޚަބަރު
ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ޕީސީބީން އެވޯޑެއް ދެނީ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންނަށް އައްޔަންކުރެއްވި ފަރާތްތަކަށް ބޭއްވި ޕްރޮގްރާމެއްގެ ތެރެއިން - ފޮޓޯ:ޕީސީބީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގަވަނަންސް އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފު ކުރުމަށް ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމައިފިއެވެ.

Ads by Eki Online

ޕީސީބީން ބުނީ ގަވަނަންސް އެވޯޑަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ހިތްވަރުދިނުމާ އެކު، ހިންގުން ރަނގަޅު ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއް ކަމަށެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޔާމީން ވިދާޅުވެފައި ވަނީ ގަވަނަންސް އެވޯޑު ދިނުމުގެ އުސޫލު މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށާއި އެވޯޑުގެ މައުލޫމާތު މިދިޔަ އަހަރު ކުންފުނިތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

ގަވަނަންސް އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ ޕީސީބީން އެކުލަވާލާ މިނިވަން ކޮމިޓީއަކުން ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި ގޮތުގައި އެވޯޑު ދޭނީ ޕީސީބީން ކަނޑައަޅާ މިންގަނޑުތަކަށް ކަމުގައެވެ. ކޯޕަރޭޓް ގަވަނަންސް ކޯޑަށް ކުންފުނިތަކުން އަމަލުކުރަމުންދާ އަންނަ ގޮތުގެ ރިވިއުއެއް ކޮންމެ އަހަރަކު ޕީސީބީން ހަދަމުން އަންނަ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެވޯޑު ދިނުމުގައި އެ ރިވިއުއަށް ބަލާނެ ކަމަށެވެ.

އެންމެ އިންސާފުވެރިކަމާ އެކު އެވޯޑު ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކުންފުނިތަކަށް ޒިޔާރަތްކުރާނެ ކަމަށާއި ކުންފުނިތަކުގެ އިސްވެރިންނާ އެވޯޑު ކޮމިޓީން އިންޓަވިއު ކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެވޯޑު ދިނުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު، ހިނގަމުން މިދާ މަހުގެ ފަހުކޮޅު އެވޯޑު ހާސިލުކުރާ ކުންފުނިތަކަށް އެވޯޑު ހަވާލު ކުރެވޭނެ ކަމުގައެވެ.

ޕީސީބީން އަންނަނީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުންފުނިތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ހަދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑިރެކްޓަރުންގެ ކޯޑް އޮފް ކޮންޑަކްޓަކާއި މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ އުސޫލެއް އެ ބޯޑުން ވަނީ މިދިޔަ އަހަރު އެކުލަވާލާ އާންމުކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *