Saturday, 11 April 2026

Ads by

ބާޒާރުމަތި ގަދަކަނޑަކުން އަމާން ދަތުރަކަށް – އިހުމާލަށް ނިމުން އައި އިންޤިލާބީ ބަދަލު!

މާލޭގެ ބޮޑުތަކުރުފާނު މަގު

މާލޭގެ ބާޒާރުމަތީ މަގަކީ ޒަމާނުއްސުރެ މާލޭގެ އިޤްތިސާދީ ވިންދެވެ. މުޅި ރާއްޖެއަށް ބޭނުންވާ މުދަލާއި ކާބޯތަކެތި ބަރުކޮށް، ބާލައި، އުފުލާ މައި މަރުކަޒެވެ. އެއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ހަޔާތުގެ މައި ނާރެހެވެ. ވިޔަފާރިއާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކާ މާލެ ގުޅުވައިދޭ އެންމެ މުހިންމު މަގެވެ.

އެހާރާއި މިހާރުގެ ތަފާތު އަމިއްލަ ތަޖުރިބާއިން ދަންނަވާނަމަ، ރޯދަމަހުގެ ހަމަ ކޮންމެ ގަޑިއަކީވެސް ބާޒާރުމަތި ބާރުބޮޑު ގަޑިއެކެވެ. ޚާއްޞަކޮށް ރޯދަމަހުގެ މެންދުރުފަސް އަތަށް އަޅާލީމަ ސަހަރޯއެވެ. ގަޑިއެއްގެ އިރުކުރިން ބާޒާރުމަތިން ހެންވޭރަށް ދާން ވިސްނާނެވެސް ކަމެއްނެތެވެ. ރަތްދައްކާ އަވީގައި މީހާ ރޯފިލާއިރުވެސް، މުޅި ސަރަޙައްދު ތޮއްޖެހި ހަމަ ކޮޅަކަށް ގުޑާވެސް ނުލަނީއެވެ. އެހެން ނަމަވެސް މިއަދުގެ ޙާލަތު ތަފާތެވެ. އެމަގުން ދުއްވާލާ ކޮންމެ ފަހަރަކު ހިތައް އަރައެވެ. އަޅެ ހަމަ ކުރީގައިވެސް ބަޔަކު ވެރިކަންކޮށް މި ފުރަމާލޭގެ ކަންކަން ދެކެފައި ވަޑައިގެންފިއެވެ. މިހިރަ މިހިރަ ކަންކަމަކީ އެބޭފުޅުންގެ ޚިޔާލާއި ވިސްނުމަށްވެސް ނާންނަ ކަންކަން ބާއެވެ.

ފާއިތުވި އަހަރުތަކުގައި އެ މަގު ސިފަވެފައި އޮތީ ހާސްކަމާއި، ނުތަނަވަސްކަމާއި، ކެތްތެރިކަން ކޮޅުންލާ ފަދަ ތޮއްޖެހުން ބޮޑު ތަނެއްގެ ގޮތުގައެވެ. އިއްޔެއާ ހަމައަށް ބާޒާރުމަތީ މަގުގެ ހާލަތަށް ބަލާއިރު، އެއީ ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މަގުގެ ހާލަތު ސިފަކުރާނަމަ، އެއީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް ގަދަ ކަނޑެއްގެ ތެރޭގައި އުޅަނދެއް ދުއްވާ ފަދަ އިހުސާސެއް ކުރުވާ މަގެކެވެ. މަގުގެ އެކި ދިމަދިމާލުން ގައުތައް ނެއްޓި، ހެދިފައި ހުންނަ ބޮޑެތި އަޑިގުޑަންތަކުގެ ސަބަބުން ދަތުރުކުރާ މީހުންނަށާއި އުޅަނދުފަހަރަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑެވެ.

ހިތާމައަކީ ފާއިތުވެ ދިޔަ އަހަރުތަކުގައި މާލޭގެ މި މަލަމަތި ރީތިކޮށް، ތަރައްޤީކުރުމަށް އެއްވެސް ވެރިކަމެއްގައި އިސްކަން ދެވިފައި ނުވުމެވެ. އެ މަގުގެ ހާލަތު އަމިއްލަ ނަފްސަށް އިހްސާސްކުރެވޭ ހިނދުވެސް އެކަމަށް އަޅާނުލެވި ދޫކޮށްލެވިފައިވުމެވެ. ފަހަރުގައި އެކަން ކުރާނެ ގޮތް އެ ވެރިންނަށް އެނގިފައި ނެތިދާނެވެ. ނޫނީ އެވަރު ޖޯޝެއް ނުވަތަ ހިތްވަރެއް ނެތް ކަމަށްވެސް ވެދާނެއެވެ. ނޫނީ އެކަމަކީ ގަސްތުގައި އެނގިހުރެ ވެފައިވާ އިހުމާލެއް ކަމުގައިވެސް ވުން ގާތެވެ. މި ކަންބޮޑުވުންތައް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއި ބައްދަލުކުރައްވާ އަޑުއެއްސެވިއެވެ. އަދި ލަސްތަކެއް ނުވެ އެ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް އެމަނިކުފާނު އަތުކުރި އޮޅައިލިއެވެ.

އެގޮތުން ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ޒަމާނީ ފެންވަރަށް ތާރު އަޅާފައެވެ. މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކުރުމެވެ. މިއީ މާލޭގެ ބިމުގެ ދަތިކަން ހުރި ގޮތުން ކުރަން ޖެހުނު، ނަމަވެސް ވަރަށް ކެރޭ ނިންމެވުމެކެވެ. މީގެ ސަބަބުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުމަށް ވަނީ ބޮޑު ހައްލެއް ލިބިފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލެއްވުން.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ، އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި، ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރާނެއެވެ.

މި ތަރައްޤީއާއެކު، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް މިވަނީ ބޮޑު ލުޔެއް ލިބިފައެވެ. މާލޭގެ މަލަމަތި ރީތިވެ، ޒަމާނީ ސިފައެއް ޖެހިގެން ދިޔުމަކީ ހަމައެކަނި ފެންނަ ފެނުމަށް ލިބުނު ކުރިއެރުމެއް ނޫނެވެ. އެއީ އިޤްތިޞާދީ ހަރަކާތްތަކަށް ލިބުނު ދިރުމެކެވެ. މިއަދު އެ މަގުން ދަތުރުކުރާ ކޮންމެ މީހަކަށްމެ، ކުރިން ތަހައްމަލުކުރި ”ގަދަ ކަނޑުގެ“ އިޙުސާސްގެ ބަދަލުގައި ކުރެވެނީ އަމާން، ފަސޭހަ ދަތުރެއްގެ އިޙުސާސެވެ. މަގު ފުޅާވުމުގެ ސަބަބުން، ކުރިން އޮތް ތޮއްޖެހުން ކުޑަވެ، ދަތުރުފަތުރުގެ ހަލުވިކަން ވަނީ އިތުރުވެފައެވެ. ވިޔަފާރިވެރިންނަށް މުދާ އުފުލުމުގައި އޮތް ތަކްލީފު ކުޑަވެ، މުޅި އެ ސަރަޙައްދަށް ވަނީ އާދަޔާ ޚިލާފު ދިރުމެއް އައިސްފައެވެ.

ބޮޑުތަކުރުފާނު މަގު ބާޒާރުމަތީ ސަރަޙައްދު މަރާމާތަށް ފަހު..

މާލޭގެ ތޮއްޖެހުމަށް ހައްލު ހޯދުމަށް ރައީސް މުޢިއްޒު ކުރިއަށް ގެންދެވި މި މަޝްރޫޢަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ނިމުން ގެނުވައިދިން، ދުރުވިސްނޭ މަސައްކަތެކެވެ. މިއީ އިހުގެ އިހުމާލުތަކުން މާލެ ސަލާމަތްކޮށް، ތަރައްޤީގެ އާ އުސްމިންތަކަކަށް މާލޭގެ މަލަމަތި ގެންގޮސްދިން މުހިންމު ފިޔަވަޅެކެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް